އަލްއުސްތާޛް އަޙްމަދު އުޝާމް

ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ދިވެހި ދައުލަތުގެ ބަންޑާރަނައިބުގެ މަޤާމަށް އަލްއުސްތާޛް އަޙްމަދު އުޝާމް ޢައްޔަންކުރައްވާފައިވަނީ 17 ނޮވެންބަރ 2023 ގައެވެ. 
އަލްއުސްތާޛް އަޙްމަދު އުޝާމް ވަނީ 2002 ވަނަ އަހަރު އިނގިރޭސިވިލާތުގެ ދަ ލަންޑަން ކޮލެޖުން ޑިޕްލޮމާ އިން އިންޓަރނޭޝަނަލް ރިލޭޝަންސް ފުރިހަމަކުރައްވާފައެވެ. އަދި އެއަށްފަހު، 2009 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ވެސްޓް އޮފް އިންގްލަންޑް ބްރިސްޓޯލް އިން ބެޗަލަރ އޮފް ލޯސް ހާސިލްކުރައްވައި، ދިވެހިރާއްޖޭގެ ޤާނޫނީ ވަކީލެއްގެ ހައިޞިއްޔަތުން މަސައްކަތް ފައްޓަވާފައެވެ. 
އަލްއުސްތާޛް އަޙްމަދު އުޝާމް ދިވެހި ދައުލަތަށް ޚިދުމަތްކުރަން ފައްޓަވާފައިވަނީ 1999 ވަނަ އަހަރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެސިސްޓަންޓް ސެކްރެޓަރީގެ މަޤާމުގައެވެ. އޭގެ ފަހުން ޑިޕްލޮމާ ހާސިލްކުރެއްވުމަށްފަހު، އަލުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ގުޅިވަޑައިގެންނެވީ 2022 ވަނަ އަހަރު ޕަބްލިކް ރިލޭޝަންސް އޮފިސަރ (ޓްރެއިނީ) އެއްގެ ގޮތުގައެވެ. އެއަށްފަހު 2004 ވަނަ އަހަރުން ފެށިގެން އެސިސްޓަންޓް ޕަބްލިކް ރިލޭޝަންސް އޮފިސަރގެ މަޤާމުގައި އަހަރަކަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވެއެވެ. 
ޤާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލްކުރެއްވުމަށްފަހު، ކުރު މުއްދަތަކަށް އަލުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ގުޅިވަޑައިގަތުމަށްފަހު، 7 ޖުލައި 2009 އިން ފެށިގެން އަލްއުސްތާޛް އަޙްމަދު އުޝާމް މަސައްކަތްކުރައްވާފައިވަނީ އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. އެގޮތުން، އެޓަރނީ ޖެނެރަލްގެ އޮފީހުގެ އެކި ޤާނޫނީ މަޤާމްތަކުގައި 10 (ދިހައެއް) އަހަރަށް ވުރެ ގިނަ ދުވަހު އަލްއުސްތާޛް އަޙްމަދު އުޝާމް ޚިދުމަތް ކުރައްވާފައިވާއިރު، އޭގެ ތެރެއިން ޑެޕިއުޓީ ސޮލިސިޓަރ ޖެނެރަލް އަދި ޑެޕިއުޓީ އެޓަރނީ ޖެނެރަލްގެ މަޤާމު ހިމެނެއެވެ. 
އަލްއުސްތާޛް އަޙްމަދު އުޝާމް، އެޓަރނީ ޖެނެރަލްގެ އޮފީހުގައި މަސައްކަތްކުރެއްވި މުއްދަތުގައި ދައުލަތަށް ކޮށްދެއްވާފައިވާ ފާހަގަކުރެވޭ ޚިދުމަތްތަކުގެ ތެރޭގައި، ދައުލަތުގެ ފަރާތުން ދަޢުވާކުރާ އަދި ދަޢުވާލިބޭ އެންމެހައި ދުސްތޫރީ އަދި މަދަނީ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ހުރިހާ މަރުހަލާއެއްގެ ކޯޓުތަކުގައި ދައުލަތް ތަމްސީލްކުރެވުމާއި، ދައުލަތް ހިމެނޭ ކަންކަމުގައި ސަރުކާރުގެ އިދާރާތަކަށް ދޭންޖެހޭ ޤާނޫނީ ލަފާ ދިނުމާއި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޛުކުރުމަށްޓަކައި ޤާނޫނީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމާއި، ބައިނަލްއަޤްވާމީ އާބިޓްރޭޝަންތަކާއި އެހެނިހެން މައްސަލަތަކުގައި ދިވެހިރާއްޖެ ތަމްސީލްކުރުން ހިމެނެއެވެ. އެގޮތުން ޖީ.އެމް.އާރ. – އެމް.އޭ.އެޗް.ބީ. ކޮންސޯޓިއަމް އަދި ޖީ.އެމް.އައި.އޭ.އެލް. އާބިޓްރޭޝަން މައްސަލައާއި، ނެކްސްބިޒް ލިމިޓެޑް އާބިޓްރޭޝަން މައްސަލައާއި، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސީ އޭޖީ އާބިޓްރޭޝަން މައްސަލައިގައި، އަލްއުސްތާޛް އަޙްމަދު އުޝާމް ދިވެހި ސަރުކާރު ތަމްސީލްކުރައްވާފައިވާކަން ފާހަގަކުރެވެއެވެ. 
އަދި ހަމައެއާއެކު، އޮފީހުގެ ހިންގުމުގެ ދާއިރާއަށް ބަލާއިރު، ބަންޑާރަނައިބުގެ ލަފަޔާއެކު، އޮފީހުގައި މަސައްކަތްކުރައްވާ ޤާނޫނީ ވަކީލުންނަށް އިރުޝާދު ދެއްވައި، އޮފީހުގެ ސިވިލް ލިޓިގޭޝަން އެންޑް ޑިސްޕިއުޓް ރިސޮލިއުޝަން ޑިވިޜަނާއި، ލީގަލް އެފެއާޒް ޑިވިޜަންގެ އެންމެހައި މަސައްކަތްތައް ހިންގަވައި ބަލަހައްޓަވައި، ޑެޕިއުޓީ އެޓަރނީ ޖެނެރަލްގެ ހައިޞިއްޔަތުން ސަރުކާރުން ބަންޑާރަނައިބާ ޙަވާލުކުރައްވައި އެންމެހައި މަސައްކަތްތަކުގައި ޤާނޫނީ ލަފަޔާއި އިރުޝާދު ބަންޑާރަނައިބަށް ފޯރުކޮށްދެއްވައި، މުޅި އޮފީހުގެ ހިންގުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާކަން ފާހަގަކުރެވެއެވެ. 
ދައުލަތުގެ ބަންޑާރަނައިބުގެ މަޤާމާ ޙަވާލުވެވަޑައިގަތުމުގެ ކުރިން، އަލްއުސްތާޛް އަޙްމަދު އުޝާމް ވަނީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވިލިމާލެ ދާއިރާގެ މެންބަރުކަން ކުރައްވާފައެވެ. އެގޮތުން 28 މެއި 2019 އިން 17 ނޮވެންބަރ 2023 އަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިޞިއްޔަތުން، އަލްއުސްތާޛް އަޙްމަދު އުޝާމް ވަނީ އެކި ޤާނޫނީ މައްސަލަތަކުގައި ރައްޔިތުންގެ އަޑު މަޖިލީހުގައި އިއްވަވައި، ޤާނޫނުތައް އިޞްލާޙުކުރުމަށް ބިލު ހުށަހަޅުއްވައި، މަޖިލީހުގެ ތަޅުމުގައި ކުއްލި މައްސަލަތައް ހުށަހެޅުއްވައި، ސަރުކާރު ޖަވާބުދާރީކުރުވުމަށްޓަކައި އެކި މިނިސްޓަރުންނާއި ސުވާލުކުރައްވައި، 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 9 ކޮމެޓީއެއްގައި ޢަމަލީގޮތުން މަސައްކަތްކުރައްވާފައެވެ. 
އަލްއުސްތާޛް އަޙްމަދު އުޝާމް އަކީ ބަންޑާރަނައިބުގެ މަޤާމުގެ ހައިޞިއްޔަތުން ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަން އަދި ކްލެމެންސީ ބޯޑުގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ފަރާތެކެވެ.
AI Avatar
އޭއައި ޗެޓް
Ask me anything